User:Habaru

From Wikipedia, the free encyclopedia

--Habaru (talk) 13:55, 17 September 2011 (UTC)ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދު ގެޒެޓް ކުރުމާއެކު ހިޔާލުތައް ކަފިކަފިވެއްޖެ- އާ ގަވައިދަކީ ދަންނަ ބޭކަލުންގެ މިނިވަންކަން ނަގާލާ ބާތިލު ގަވާއިދެއް: އިސްލާމިކް ފައުންޑޭޝަން - ބައެއް މާއްދާތައް ކީރިތި ގުރުއާނާއި ހިލާފު: ސަލަފް - ދީނީ ޝިއާރު ފާޅުކުރުން ގަވައިދު ހަންޏެއްނުވާނެ: ޑރ. މަޖީދު 17 ސެޕްޓެމްބަރ 2011 - 1 ގަޑި 9 މިނެޓް ކުރިން0 ކޮމެންޓު އަހުމަދު ނާއިފު އަދި މުހައްމަދު ޖަމްޝަތު[[File:]]

އިސްލާމިކް މިނިސްޓްރީން ހުއްދަދޭ ފަރާތްތަކަށް ނޫނީ އެހެން ފަރާތްތަކަށް ދީނީ ނަސޭހަތް ދިނުން މަނާކޮށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދު މިއަދު ގެޒެޓް ކޮށް ގަވައިދަށް އަމަލުކުރަން ފެށުމާއެކު ގަވައިދާ މެދު އެކި ފަރާތްތަކުގެ ހިޔާލު ތަފާތުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ރައީސް އޮފީހާ ދެމެދު ހިޔާލުތަފާތުވެ ގެޒެޓް ނުކުރެވި ގިނަ ދުވަސްތަކެއްވީ ގަވާއިދު ގެޒެޓް ކޮށްފައިވަނީ މިއަދު މެންދުރު އެވެ. ދިހަ ސޮފުހާގެ އެ ގަވާއިދު ބުނާގޮތުން ދީނީ ތަގުރީރާއި ދަރުސްތައް ދިނުމަށް މިނިސްޓްރީން ހުއްދަ ދޫކުރާނީ ދެ ބާވަތެއްގެ ދަންނަ ބޭކަލުންނަށެވެ. އެއްބަޔަކީ އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވަސިޓީއަކުން ނޫނީ ކޮލެޖަކުން ދީނީ އިލްމު ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ. އަނެއް ބަޔަކީ އިލްމް ހާސިލް ނުކުރެއްވެވި ކަމުގައިވިޔަސް އިސްލާމް ދީނުގެ ކަންކަން އުނގަންނައިދިނުމާއި ދީނުގެ ހިދުމަތުގައި މަސައްކަތްކުރައްވައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ބަޔެކެވެ.

ދީނީ ޖަމާއަތްތަކާއި ދީނީ ދަންނަ ބޭކަލުންގެ ފާޑު ކިޔުން ރައްދުވެފައިވާ 12 މާއްދާގެ މައްޗަށް އެކުލެވޭ ގަވާއިދުގައި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ 36 ދީނީ މަދަރުސާއެއްގެ ނަން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއްވެސް އިލްމީ މަދަރުސާއެއްގެ ނަން ހިމަނާފައެއް ނެތެވެ. އަދި ޕާކިސްތާނާއި މިސުރާއި އިންޑިޔާ އަދި މެލޭޝިޔާފަދަ ގައުމުގެ ތަކުގެ މަދަރުސާތައް ހިމަނާފައި ވެއެވެ.

ރާއްޖޭން ބޭރުގެ ދަންނަ ބޭކަލުންނަށް ވެސް ރާއްޖޭގައި ދީނީ ނަސޭހަތް ދެއްވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދައެއް ނަގައިގެންނެވެ. ގަވާއިދުގެ ފަސް ވަނަ މާއްދާގައި ބުނަނީ "ބޭރުގެ ފަރާތްތަކުން ވެސް ދީނީ ނަސޭހަތް ދެއްވޭނީ ރާއްޖޭގެ ދާހިލީ ސިޔާސަތުތަކާއި އިޖުތިމާއީ އުރުފާ ހިލާފުނުވާ" ގޮތަކަށް ކަމަށެވެ.

ދީނީ ދަންނަ ބޭކަލުން ވައުޒު ވިދާޅުވުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ވެސް ގަވާއިދުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާ ބުނާގޮތުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ގޮވައިލުމާއި ގުރުއާނާއި ރަސޫލާގެ ސުންނަތާ ހިލާފަށް ވާހަކަ ދެއްކުމާއި ދަންނަ ބޭކަލުންގެ އިޖުމާއާ ހިލާފަށް ވާހަކަދެއްކުމާއި ރާއްޖޭގެ އާންމު މަސްލަހަތަށް ރިޔާއަތް ނުކޮށް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ.

ދިނީ ވައުޒު ވިދާޅުވުން ބައްޓަން ކުރަންޖެހޭ އެހެން އުސޫލުތަކެއް ވެސް އެ މާއްދާގައި ހިމަނާފައިވެ އެވެ. އެ ގޮތުން ދީނުގެ ނަމުގައި ތައުލީމާއި ސިއްހަތުން މަހުރޫމުކުރުމާއި، ޖިންސީ އަދި ނަސްލީތަފާތުކުރުމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަދެއްކުން ވަނީ މަނާކޮށްފައިވެ އެވެ. "ތަފާތުކުރުމަށް ގޮވާލައި ކަމުގައި މާނަކުރެވޭ ފަދަ ގޮތަކަށް ނުވަތަ އެފަދަ ކަންކަމަށް ބާރުއަޅައި ވާހަކަ ދައްކައިގެން ނުވާނެ އެވެ." އެ ގަވާއިދުގެ ފަސް ވަނަމާއްދާގެ (ކ) ގައިވެ އެވެ.

ފަސް ވަނަމާއްދާގެ ދަށުން ދީނީ އިލްމްވެރިންގެ މެދުގައި ދެބަސްވުން ހުރި ކަންތައްތަކުގައި ވާހަކަދައްކާއިރު އެ އިލްމުވެރިއަކު ބުރަވެވަޑައިގަންނަވާ ދަލީލު ދެއްކުވުމަށް ގަވާއިދުން ލާޒިމް ކުރެ އެވެ. އަދި ބުނަނީ އެހެން ދީނެއްގެ މީހުންނަށް އިހާނެތި ވާނޭގޮތަށް އަދި ރުޅިވެރިކަން އުފެދޭ ގޮތަށް އެއްވެސް ދަންނަ ބޭކަލަކު ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާގޮތަށް އެ ގަވާއިދުގައި ވެސް ވަނީ އިސްލާމްދީން ނޫން އެހެން ދީނެއްގެ ޝިއާރު ފާޅުކުރުމާއި އެފަދަ މަޖިލީހެއްގައި ބައިވެރި ވުމަކީ ވެސް ގާނޫނުން އަދަބު ލިބިގެންވާ ކުށެއް ކަމުގައި ކަނަޑައަޅާފަ އެވެ.

އެ ގަވާއިދާއި ހިލާފަށް ދީނީ ނަސޭހަތް ދެއްވާ ދަންނަ ބޭކަލުން ގާނޫނު ނަމްބަރު 6/94 ދަށުން 5 އަހަރާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ގޭބަންދު ކުރުން ނުވަތަ އަރުވާލެވެ އެވެ. "މި ގަވައިދާ ހިލާފަށް ދީނީ ތަގުރީރާއި ވައުޒު ވިދާޅުވެ އެފަދަ ކުށެއްކޮށްފި މީހަކާ ދެކޮޅަށް ގާނޫނު ނަންބަރު 49/6 ގައި ބަޔާންކޮށްފައިވާ އަދަބު ދެވޭނެ އެވެ،" އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ގެޒެޓު ކުރުމާއެކު މަޝްހޫރު ޝޭހު އަދި ގާނޫނީ ވަކީލު، ދ. ކުޑަހުވަދޫ އިބްރާހިމް ފަރީދު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ އެއީ ބާތިލު ގަވާދެއް ކަމަށް ބުނެފަ އެވެ.

ފައުންޑޭޝަންގެ ރައީސް އިބްރާހިމް ފައުޒީ މިއަދު ވިދާޅުވީ އެ ގަވާއިދުގެ ފަސް ވަނަ މައްދާގައި ހިމަނާފައިވާ ޕޮއިންޓް ތަކަކީ "އެކި ގޮތްގޮތަށް މާނަކުރެވިދާނެ ނުރައްކާތެރި" މާއްދާތަކެއް ކަމަށެވެ.

"މިއިން ގާނޫނު އަސާސީ ބުނާ މިނިވަންކަން ހަނިކުރޭ. ދީނީ ދަންނަ ބޭކަލުންނަށް ފުރުސަތެއް ނެތް ހިޔާލު ފާޅުކުރާކަށް. މިއީ ބާތިލް ގާނޫނަކުން [ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުން] ބާރުލިބިގެން ހަދާފައިވާ ބާތިލް އެއްޗެއް،" ފައުޒީ ވިދާޅުވި އެވެ. "މިސާލަކަށް، އެއްވެސް ދީނަކަށް ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކައިގެން ނުވާނޭ ކަމަށް ގަވާއިދު ބުނޭ. އެހެން ވީމާ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ޒަޔަނިސްޓުން ބޭރުކުރަން މުޒާހަރާ ކުރެއްވި މަޖީދާ ޝަހީމަށް،"

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދު ބައްޓަންވެގެން އައިގޮތުން ދީނީ ގޮތުން މަޖުތަމައު އިސްލާހު ނުވާނޭ ކަމަށާއި އޭގެ ބަދަލުގައި ދީން އަންގައިދިނުމުގެ ފުރުސަތު ހަނިވާނެ ކަމައްވެސް ފައުޒީ ވިދާޅުވި އެވެ.

"އެބޭފުޅުން ކުރިން ވިދާޅުވަމުން ގެންދެވީ ގަވާއިދެއް ނެތިގެންނޭ ރައްޖޭގައި ދީނީ ގޮތުން ހުރި ކަންތައްތައް ހައްލު ނުކުރެވިގެން މިއުޅެނީ. އަޅުގަނޑު ދަންނަވާނީ އެހެން ވެގެންނެއް ނޫނޭ. މި ގަވާއިދުން ވެސް މި އެނގެނީ އެބޭފުޅުން ފިނޑިވީމައޭ މިކަން ހައްލުނުކުރެވިގެން މި އުޅެނީ،" ފައުޒީ ވިދާޅުވި އެވެ.

ޖަމްއިއްޔަތުއް ސަލަފުން ވެސް ވަނީ އާ ގަވާއިދާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމްއިއްޔާގެ ރައީސް ސެއިހް އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވީ އެ ގަވާއިދުގެ މާއްދާތައް އެއްމާއްދާ އަނެއް މާއްދާއާ ފުށުއަރާތީ އެ ގައިވާއިދުގެ މަގުސަދު ހާސިލް ނުވާނެ ކަމަށެވެ. "މިއަދު މި ނުކުތް ގަވާއިދުގައިވެސް ކުރިން ބުނިގޮތަށް ނުރައްކާތެރި މާއްދާތަކެއް އެބަހުރި. އެގޮތުން ފަހެއްގެ 'ދ' [އެހެން ދީންތަކުގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަދެއްކުން މަނާ ކުރާ މާއްދާ] ވަނީ ކަޑައެޅިގެން ކީރިތި ގުރުއާނާ ހިލާފަށް. އެންމެ ކުޑަމިނުން އަލްހަމްދުވެސް އޭގެ ދަށުން ކިހިނެތް ތޯ ކިޔާނީ،" ސެއިހް އަބްދުﷲ ވިދާޅުވި އެވެ.

ދީނީ އިލްމު ނުއުނގެނޭ ފަރާތްތަކައްވެސް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ދީނީ ނަސޭހަތް ދެވޭ ގޮތަށް އޮތުމުން ސޭހު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަކީ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ނުވާ ކަމަށާއި އެފަދަ ހުއްދައެއް ދެވޭ ގޮތަށް ބާރުއޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. "އިސްލާމިކް މިނިސްޓްރީއަކީ އޭރެއްގެ ސަރުކާރެއްގައި ތިއްބަވާ ބޭފުޅުން އައްޔަންކުރައްވާ ޕޯސްޓެއް. އެހެންކަމަށްވާނަމަ މީތި މުސްތަގިއްލު ވެގެނެއް ނުދާނެ. ސިޔާސީ ބައެއްގެ ބާރުގެ ދަށައް ދީނީ ކަންތައްތައް ވަދެގެން ދާނީ. ކުރީގެ ގާނޫނު ފަދައިން ނޫނީ އެއަށްވުރެވެސް ނުރައްކާތެރިވެގެން ހިނގައިދާނެ ދީނީ އިލްމްވެރިންނަށާއި ދީނީ ޝިއާރު ފާޅުކުރައްވާ ބޭފުޅުންނަށް،" އަބްދުﷲ ވިދާޅުވި އެވެ.

ދީނީ ޖަމާއަތްތަކުން އެ ގަވާއިދަށް ނުރުހުން ފާޅުކުރާއިރު ޑރ. މަޖީދު މިއަދު ވިދާޅުވީ އެ ގަވާއިދު ބައްޓަން ކޮށްފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހާ މިނިވަންކަމާއި އަސާސީ ހައްގުތަކަށް ވަރަށް ރަނގަޅަށް ބެލިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ގަވާއިދު ގެޒެޓު ކުރީ "އެ މިނިސްޓްރީން ކުރިން ވެސް ހުށަހަޅާފައިވާ ގޮތަށް، ޖުމްލަ ގޮތެއްގައި މާ ބޮޑު ބަދަލުތަކެއް ނުގެނެސް" ކަމަށެވެ. " އެހެން ނަމަވެސް ދީނުގެ ނަމުގައި ދީނާ ހިލާފު ވާހަކަތަކެއް ނުވަތަ ރައްޔިތުންގެ މެދުގައި ހިލާފު އުފެދޭ ގޮތަށް ހިނގާ ކަންތައް މަނާކުރާނެ،" އެ ގަވާއިދުން ދީނީ ޝިއާރުފާޅުކުރަން ހުރަސްނާޅާކަމަށް ވިދާޅުވަމުން ޑރ. މަޖީދު ވިދާޅުވި އެވެ.